މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މާފަރު ފަޅުގައި ޕިކްނިކް އައިލެންޑަކާއި ދޯނި އެހެލާ ސަރަޙައްދެއް ތަރައްޤީކުރުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއްކަމުގައިވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަޞީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ފެރިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، އއ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި ޢުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކުރައްވާފައެވެ. ސްކޫލުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަގު ހެދުމުގެ މަޝްރޫޢާއި، ނެރުގެ މައްސަލައަށް މި އަހަރު ޙައްލު ހޯދައިދެއްވާނެކަމަށާއި، ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ދަތުރުފުޅުގެ ތެރޭގައި ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކުރެއްވުމުގެ އިތުރުން، ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ވަނީ ފައްޓަވާފައެވެ. އަދި ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށް މި ހަފުތާގެ ތެރޭގައި ތިން ފުލުހުން ރަށަށް ފޮނުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.