ފަލަސްތީނުގެ ރައްޔިތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ނައްތާލުމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ގޮވާލަށްވައިފި އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ޣައްޒާގެ ”ހިސޯރު ނައްތާލުމަށް“ ގޮވާލާ މާފަންނު ސްޓޭޑިއަމްގައި މިއަދު އޮތް އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި އެއްވުމަށް ޖަމާވި އެންމެންނަކީ ވެސް ފަލަސްތީނުގެ ރައްޔިތުންނާއި، މަސްޖިދުލް އަގުސާ އާއި އިސްލާމީ އުންމަތަށްޓަކައި އެއްވި މީހުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން މި އުންމަތުގެ މަތިން ސައްޔޫނީ ބާރުތަކާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ޖިހާދުގައި ދިވެހި ރައްޔިތުން ބައިވެރިވާން ޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވަނީ، ބޯޑަރުތައް ހުޅުވާލުމަށް ގޮވާލައި، އިސްރާއީލުން ޣައްޒާގެ އަހުލުވެރިންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އުދުވާން ހަރުކަށި އިބާރާތުން ކުއްވޗެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.
ދިވެހި އެންމެހާ ރައްޔިތުން ޣައްޒާގެ އަހުލުވެރިންނާއެކު ސާބިތުވެ ތިބެންޖެހޭނެ ކަމަށާއި، އެއީ ހައްގު ގޮތް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުވަންދެން ހައްގުގޮތުގައި ތިއްބަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
”އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުން މިކަމުގެ މަތީގައި ސާބިތުވެ ތިބެން ޖެހޭނެ. މިއީ ހައްގު ގޮތް. ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތް ގާއިމުވެއްޖެއައުމަށް ދާންދެން އަޅުގަނޑުމެން މި ހައްގުގެ މަތީގައި ސާބިތުވެގެން ތިބެން ޖެހޭނެ،“
މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަތިވެރި ޖިހާދުގައި ބައިވެރިވާންޖެހޭނެ ކަމަށާއި، އެއީ ދުލާއި މުދަލުން ބައިވެރިވުން ކަމަށެވެ.
ރާއްޖެ - ފަލަސްތީން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފަލަސްތީނާއެކު ދިވެހިން ގައްޒާ