ރާއްޖޭގެ ޒަކާތު ގާނޫނަކީ ފާހަގަކޮށްލެވޭ ޤާނޫނަކަށް ވާނެ: މިނިސްޓަރު ޝަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިސްލާމީ ގައުމުތަކުގައި ޒަކާތާއި ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކަށް ބަލާއިރު، ރާއްޖޭގެ ޒަކާތު ގާނޫނަކީ ފާހަގަކޮށްލެވޭ ގާނޫނަކަށް ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ޒަކާތު ގާނޫނާއި އެކު ޒަކާތު ހައުސްއަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާ ކަމަށާއި އަދި މިއީ މިކަމަށް އިތުބާރު އުފެދޭނެ ކަމެއް ކަމަށެވެ.

ޒަކާތު ގާނޫނުގެ ތެރެއިން މުދަލު ޒަކާތް ނެރެންޖެހޭނެ މުދަލާއި ޒަކާތް ނެރެން ނުޖެހޭނެ މުދާ ކަނޑައެޅިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވީ ޖަމިއްޔާ ތަކުގެ މުދަލާއި، ޚައިރާތު ފަންޑުތަކާއި މިފަދަ އާންމު މަސްލަހަތަށްޓަކައި ގާއިމުކުރެވިފައިވާ އެއްޗެހިން ޒަކާތް ނެރެން ނުޖެހޭނެ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މި ގާނޫނުގައި ޒަކާތުގެ ކަންކަމުގައި ކައުންސިލްތަކުން އަމަލުކުރަންޖެހޭނެ ގޮތްވެސް ބަޔާންކޮށްފައިވާ ކަމަށާއި ލޯކަލް ކައުންސިލްތައް މި ގާނޫނުގައި ފާހަގަކޮށްފައިވާނީ ޒަކާތުގެ ކަންކަމުގައި ޒަކާތު ހައުސްއަށް އެހީތެރިވެދޭ ބައެއްގެ ގޮތުގައި ކަމަށެވެ.

މުދަލު ޒަކާތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ މި ޒަމާނުގެ އިގްތިސާދުގެ ތެރެއަށް ވަދެފައިވާ ޒަމާނީ ވަސީލަތްތަކުން ޒަކާތް ނެރެވޭނެ ގޮތާއި ކަންކަންވެސް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

”އިސްލާމީ ދުނިޔޭގެ ޒަކާތާއި ބެހޭގޮތުން ހެދިފައިވާ ގާނޫނުތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ގާނޫނަކަށް ރާއްޖޭގެ ޒަކާތު ގާނޫނު ވެގެންދާނެ. ދެން އަޅުގަނޑުމެންގެ އަތްމަތީގައި އޮތީ ބައިނަލްއަގްވާމީގޮތުން މީތި ޕްރޮމޯޓްކުރުން، ރާއްޖެއަށް މީގެ ލީޑް ނެގިދާނެއޭ އަޅުގަނޑު ދަންނަވާނީ.“ މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑަކީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ވަރަށް ބޮޑު އިޖުތިމާއީ ފަންޑެއް ކަމަށެވެ. ދުނިޔޭގެ އެއްވެސް ވަޟައީ ނިޒާމެއްގައި އިސްލާމް ދީނުގައި މިވާފަދަ ޝާމިލް، އިޖުތިމާއީ އެއްބައިވަންތަ ކަމުގެ ފަންޑެއް ނެތް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި ދީނީ ކަމެއްގެ ގޮތުގައި މިކަން އޮތީ އިސްލާމީ ޝަރީއަތުގައި އެކަނިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެންކަމުން ފަގީރުންނާއި މިސްކީނުންނަށް ބޭނުންވާ ޙާޖަތްތައް ފުއްދައިދިނުމުގައި ޒަކާތު ފަންޑުން ތަނަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި އިސްލާމީ ޝަރީއަތުގެ މަގުސަދު ހާސިލުވާގޮތަށް މިކަން ވީހާވެސް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ޒަކާތު ފަންޑުން ސްކޮލަޝިޕްވެސް ދޭކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ މިއަހަރަކީ އެންމެ ގިނަ އަދަދަކަށް ޒަކާތު ފަންޑުން ސްކޮލަޝިޕް ދެވުނު އަހަރު ކަމަށެވެ. އެހެންކަމުން ޒަކާތު ފަންޑު ތަނަވަސްވެ މުއްސަނދިވެގެންދާ ވަރަކަށް އެކަމުގެ ފައިދާ މުޖުތަމައަށް ވެސް ކުރާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް ޒަކާތު ފަންޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ