އިސްލާމިކް މިނިސްޓްރީގެ ”މީޑިއާ މައުރަޒު 2025“ ފަށައިފި އެވެ.
މި މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ، އިސްލާމިކް ސްޓޫޑިއޯއިން އެ މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މި މައުރަޒަކީ އެ މިނިސްޓްރީއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކާއި، އެ މިނިސްޓްރީގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.
މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ. އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.
މިނިސްޓްރީއިން ބުނީ، މި މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވާ ކަމަށާއި، ޝައިޚުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ މިނިސްޓްރީއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީއިން ކުރާ މަސައްކަތްތަކަކީ މުޖްތަމައުއަށް ފެންނަންޖެހޭނެ ފޯރަންޖެހޭނެ ކަންތައްތަކެއް ކަމަށާއި މީޑިއާ މައުރަޒުގެ ބޭނުމަކީ އެއީކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް


