އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ލަފާ ކުރެވޭ: އެމްއެމްއޭ

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންދާޒާކޮށްފި އެވެ.

މަނިޓަރީ ސިޔާސަތުގެ ދަށުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެމްއެމްއޭއިން ބުނީ މި އަންދާޒާ ބިނާކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު ރާއްޖޭގެ އިގްތިސޯދަށް އަންނާނެ ކަމަށް ބެލެވޭ ހެޔޮ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ 6 މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 9.1 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 1,108,130 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,015,529 ފަތުރުވެރިންނެވެ.

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަތުރުވެރިން ހޭދަކުރި ޗުއްޓީގެ ދުވަސްތަކުގެ އަދަދު ވަނީ 6,892,533 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރި ދުވަސްތަކުގެ އަދަދު ހުރީ 6,810,823 ގަ އެވެ.

ސަރުކާރުން މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައިވެސް އަދި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ އަންދާޒާތަކާއި އެމްއެމްއޭގެ އަންދާޒާތަކުންވެސް މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ލަފާ ކުރަނީ 2.2 މިލިއަން ފަތުރުވެރިންނެވެ.

އެމްއެމްއޭއިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓަރމިނަލްގެ ހުރިހާ ހިދުމަތެއް ބޭނުންކުރަން ފެށި މިކަމުގެ ހެޔޮ އަސަރ،ު ފަތުރުވެރިންގެ އަދަދުން ބޮޑަށް ފެންނަން ފަށާނެކަމަށް ބެލެވެނީ
އަންނަ އަހަރު ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ވަނީ އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ލަފާކޮށްފަ އެވެ.

އެމްއެމްއޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ