ހުޅުމާލޭގައި އެންސިސް ފިޝަރީޒްއިން ހިންގަމުން އައި މަސް ކާރުޚާނާ ގަތުމުގެ މަސައްކަތް މިފްކޯއިން ފަށައިފިއެވެ.
މިފްކޯ އިން އެންސިސް (އެންޒީ) މަސް ކާރުހަނާ ގަންނަން އުޅޭކަން ކަށަވަރުކޮށްދީފައިވަނީ އިއްޔެ އެ ކުންފުނިން ނެރުނު ބަޔާނެއްގައެވެ.
25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު 9 ވަނަ ދުވަހު ހުޅުވި ”އެންސިސް މަސް ފެކްޓްރީ“ އަކީ މާލޭ ސަރަހައްދުގައި މިހާތަނަށް ހިންގަމުން އައި އެންމެ ބޮޑު މަސް ކާރުޚާނާއެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މި ފެކްޓްރީ މިހާރު ވަނީ ބަންދުކޮށްފައެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، އެ ކާރުޚާނާ އަލުން ހިންގުމަށްޓަކައި އެންމެ ފަހުގެ މެޝިނަރީއާއި އާލާތްތަކާއެކު އިންވެސްޓްކުރުމަށް ރޭވިފައިވެއެވެ. އަދި ދޮޅު އަހަރަށް ހުއްޓިފައި އޮތް އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސިޓީ މިފްކޯއަށް ހޯދުމުގެ ދިރާސާތައްވެސް މިހާރު ވަނީ ނިންމާފައެވެ.
އެންސިސް މަސް ކާރުޚާނާ ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން ދިމާވި ދަތިތަކެވެ.
2002 ވަނަ އަހަރު ވުޖޫދަށް އައި އެންސިސް ފިޝަރީޒްއަކީ ބޮޑު ކަންނެލި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓްކުރުމުގެ ވިޔަފާރިން ފެށިގެން ކުރިއަރައި، 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ޤާއިމްކުރި ކުންފުންޏެކެވެ.
މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)