ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށަކަށް ހެދުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް ހުށަހެޅި އިސްލާހަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް އެވެ. މި ބިލު ދިރާސާ ކުރުމަށް އޮތީ ޖުޑިޝަރީ ކޮމިޓީގަ އެވެ.
އެ ކޮމިޓީން ވަނީ މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފަ އެވެ. އަދި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 31 އޮގަސްޓް 2025 ގެ ކުރިން ޖުޑިޝަރީ ކޮމިޓީއަށް މެއިލް ކުރުމަށް (judiciary_committee@majlis.gov.mv) ނުވަތަ މަޖިލީހަށް ލިޔުމުން ފޮނުވުމަށް އެދިފައިވެ އެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު:
މި އިސްލާހުގައި ބުނެފައިވަނީ، އެއްގަމު އުޅަނދު ދުއްވުމުގައި، ޤާނޫނާއި ގަވައިދުތަކާއި ހިލާފަށް، ސަބަބުވެރި މީހަކު އަމަލުކުރާނެ ގޮތާއި ހިލާފަށް، އެމީހެއްގެ ނަފުސުގެ ރައްކަލަށް ނުވަތަ މަގުތަކުގެ ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ބެހެއްޓުމެއްނތި، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
އެގޮތުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބާރަށް ދުވުން، ނުރައްކާތެރިކޮށް އޯވަރޓޭކް ކުރުން، ލައިސެންސް ނެތި ދުއްވުން، އަދި އެނޫންވެސް އެއްގަމު އުޅަނދު ދުއްވުމުގައި ތަބާވާންޖެހޭ އަސާސީ މިންގަނޑުތަކާއި ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި ކުށުގެ އަމަލު ހިންގީ އަމިއްލަ ނަފުސަށް ނުވަތަ އެހެން މީހެއްގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތް ގޮތުގައިކަން ރަމްޒުކޮށްދޭ ހާލަތުގައި، މި ކުށަކީ، ޖިނާޔަތުގެ 4 ވަަނަ ދަރަޖައިގެ ކުށެއްކަމަށް އިސްލާހުގައިވެ އެވެ. އަދި އެ ނޫން ހާލަތްތަކުގައި އެއި ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބުނެފައިވެ އެވެ.