ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެތައްސަތޭކަ ބަޔަކު ވަޒީފާއިން ވަކިކުރި ހަނދާން އަދި ނުނެތޭ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއަށް ހޫނު ރައްދެއް ދެއްވައިފި އެވެ.
އެޗްޑީސީގެ މަގާމުތަކެއްގައި ތިބި ބަޔަކު ސަސްޕެންޑްކުރި ވާހަކައާ ގުޅުވާ އެމްޑިޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވަނީ މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަން ހާމަވާކަމެއް ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓް ކުރައްވާފަ އެވެ. ޝާހިދުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ، އަނިޔާވެރިކަން ދައްކައިގެން ރައްޔިތުން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
ޝާހިދުގެ މި ވާހަކައަށް ރައްދު ދެއްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ދިވެހި ޤައުމާއި ރައްޔިތުންނާ ދޭތެރޭ ކަންކުރިގޮތް ރައްޔިތުން އަދި ހަނދާން ނުނެތޭނެ ކަމަށެވެ.
”ވެެރިކަން ފެށިގޮތަށް މާލެއާ ރަށްރަށުގައި ފެނަކަފަދަ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަކުދިންނެއް ޕާޓީގެ އެކްޓިވިސްޓުންގެ އެދުމަށް ވަޒީފާތަކުން ވަކިކޮށް އަދި އޮފީސްތަކުގައި ދާއިމީ ޒިންމާދާރު ވަޒީފާތަކުގައިތިބި ފަރާތްތައް ޒިންމާތަކުން އެކަހެރިކޮށް އެވީ އަނިޔާއަކީ ދުވަހަކުވެސް އެ އާއިލާތަކުން ހަނދާން ނެތޭނެ ކަންކަމެއް ނޫން.“ ޝިޔާމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެެރިކަމަށް ވަޑައިގަންނަވަން ވިދާޅުވީ، ތާއީދު ކުރާ ސިޔާސީ ފިކުރަކުން އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެކަމަށްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު އެކަން ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އަމިއްލަ ޕާޓީތެރޭގައި ރިޔާސީ ކެންޑިޑޭޓުން ގިނަވެ އިންތިހާއަށް ކޯޅުން ގިނަވުމުން، ދައްކަވާނެ ވާހަކައެއް ނެތިގެން އުޅުއްވާކަހަލަ ގޮތަކަށް ޝާހިދު އުޅުއްވާތަން ފެންނަ ކަމަށެވެ.