އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅެކެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި މި މަޝްރޫއަކީ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެކެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އައްޑޫގެ ލޮކޭޝަނަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އައްޑޫގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމެވެ.
އެމްއޯޔޫގެ ދަށުން، މަޝްރޫއުގެ ތަފްސީލީ މާސްޓަ ޕްލޭނާއި މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލް އާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޗައިނާގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެން ޤައުމުތަކުގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައިވެސް ރައީސް މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގައި ސީއެމްއީސީއާއެކު ސޮއި ކުރި އެއްބަސްވުމުގެ އިތުރުން ގިނަ އެއްބަސްވުންތަކެއްގައި ރާއްޖެއާ ޗައިނާއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އަތޮޅުތަކުގައި ނިއު އެނާޖީ ކޮމްޕްލެކްސް ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމާއި ޓެކްނިކަލް ޕްރޮފެޝަނަލުން ތަމްރީން ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ. މި އެއްބަސްވުންތަކަކީ ޤާބިލްކަން އިތުރުކުރުމާއި، އިޤްތިޞާދީ ތަރައްޤީއާއި، އުމްރާނީ ތަރައްޤީއާއި އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒުކޮށްގެން ވެވުނު އެއްބަސްވުންތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ މިނިސްޓަރު އަހްމަދު ޝިޔާމް ޗައިނާގެ ރައީސް ޝީ ޖިންޕިންގ