ޝަރީއަތް ނިމެންދެން ބަންދުކޮށްފައިތިބި މީހުންގެ ތެރެއިން ޓެގު އެޅުވުމަށްފަހު މީހަތަނަށް ދޫކޮށްފައިވަނީ 10 މީހެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)އިން ހާމަކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް، އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ޕީޖީ އޮފީހުން ”ޖަވިޔަނި“އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާތަނަށް 10 މީހަކު ޓެގު އެޅުވުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ހިއްސާކޮށްފައިވާ މައުލޫމާތު:
- ޓެގް އެޅުވުމަށްފަހު ދޫކުރީ 10 މީހުން
- ރިސްކް އެސެސްމެންޓަށްފަހު ދޫކުރަން ނުފެންނަ ކަމަށް ނިންމި 83 މީހުން
- ރިސްކް އެސެސްމެންޓް ހަދަންޖެހޭ 149 މީހުން
- ދޫކޮށްލުމާމެދު ވަކިގޮތެއް ނުނިމިތިބި 10 މީހުން
ޓެގް އެޅުވުމަށްފަހު ދޫކުރި 10 މީހުންގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކުގައި ހިމެނޭ މީހުންނެވެ. އަދި މާރާމާރީގެ މައްސަލަތަކުގައި ހިމެނޭ 3 މީހަކު ވަނީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްފަ އެވެ. ނަމަވެސް މި ތިން މީހުންނަކީވެސް މާރާމާރީގެ މައްސަލައިގައި ސީދާ ހަމަލާދިން މީހުން ނޫންކަން ފާހަގަކޮށްފައިވެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީގެކުރިން ބުނެފައިވަނީ، ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށާއި އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވާ ކަމަށެވެ.
އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވާ ކަމަށް ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވެ އެވެ.
