ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތި ލެއްވީ ތިން ބޭފުޅުންނެވެ. ޖޭއެސްސީން މިއަދު ވަނީ އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ:
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
- ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖޭއެސްސީގެ އިންޓަވިއުއަށްފަހު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ލަފާދޭން ނިންމާފައިވަނީ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ. ޖޭއެސްސީގެ ލިސްޓްގެ ދެވަނައިގައި އޮތީ ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެވެ. ލިސްޓުގެ ތިން ވަނައިގައި އޮތީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީއަތާއި ޤާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނުވަނީ މަދަނީކޯޓުގެ ޤާޟީކަން ކުރައްވާފަ އެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 މާރޗް 14 ވަނަ ދުވަހު އެވެ. އަދި 21 ސެޕްޓެމްބަރު 2008 ން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް، ހައިކޯޓްގެ އިސްފަނޑިޔާރުގެ މަގާމް ފުރުއްވާފައިވެ އެވެ.
ޣަނީ ވަނީ 28 ޖޫން 2018 އިން 04 ޑިސެންބަރު 2019 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޣަނީ އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރު އެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަނު ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުވާ ނަމެއް މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އަދި މަޖިލީހުން ނަމެއް ފާސްކުރާތާ 7 ދުވަހުގެ ތެރޭގައި އެ ބޭފުޅަކު މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)