މާދަމާ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން ގެންދާ ކުނި އުކާލުމުގެ ހިދުމަތް ލިބޭނީ 4 ގަޑި އިރަށްކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯއިން ބުނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ވެމްކޯއިން ދެމުންގެންދާ ހައުސްހޯލްޑް ކަލެކްޝަން ހިދުމަތް ދޭނީ މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް ކަމަށެވެ.
ވެމްކޯއިން ވަނީ މި ބަދަލާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފައިވާއިރު ގްރޭޓާ މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެ އިއުލާން ބާތިލް ކުރި ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި އެހެނިހެން މުއައްސަސާތަކުން މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބަންދުކޮށްފައިވާ ސަރަޙައްދުތަކުގައި، އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް މިނިސްޓްރީން ބުންޏެވެ.