ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް އިންޑިއާ އަދި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު މޯދީ މިއަދު ވަނީ ރާއްޖޭގެ ސިޔާސީ އިސްބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.
އެގޮތުން ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު މޯދީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް ކަމަށެވެ.
’ނެއިބަރހުޑް ފަސްޓް‘ ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ވާހަކަ ދެކެވުނު ކަމަށްވެސް މޯދީ ވިދާޅުވި އެވެ.
މީގެއިތުރުން ބޮޑުވަޒީރު މޯދީ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރޝިޕް އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާފަ އެވެ.
ރައީސް މުހައްމަދު ނަޝީދު ރާއްޖެ - އިންޑިއާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ