ލ. ކުނަހަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި މިއަދު މެންދުރު އަލިފާން ރޯވެ، ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ކުނަހަންދޫ ކައުންސިލް މެންބަރެއް މި ނޫހަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1:00 ހާއިރުއެވެ. އަލިފާން ރޯވިއިރު އެ ދޯނީގައި މަސައްކަތްކުރާ 5 މީހުން ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެ މެންބަރު ފާހަގަކުރެއްވިއެވެ.
އަލިފާން ނިއްވާލެވުނު އިރު ދޯނީގެ ވަރަށް ބޮޑު ބައެއް އަނދާ ހުލިވެފައިވާ ކަމަށާއި، ދޯނީގެ ގެގަނޑުތެރޭގައި ހުރި ހުރިހާ މުދަލެއް ހަލާކުވެފައިވާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.
މި ހާދިސާ މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
މިފަހުން ދޯނިފަހަރުގައި ހިނގާ އަލިފާނުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.