ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، 29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ.
ޖޭއެސްސީން ބުނެފައިވަނީ މި މަގާމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކުކަމުގައި ވާންޖެހެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިއަދު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީން ބުނީ މުއުތަސިމް ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 09 އަހަރާއި 07 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައި ކަމަށެވެ.
މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ 2019 ޑިސެމްބަރު 9 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.