ކޭ-ޕާކް މަޝްރޫއު ހައްލުނުވެ ގިނަ ދުވަސްވާތީ މަޖިލީހަށް ގަރާރެއް

Advertisement

އެންމެ ފަސް

Advertisement

ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއަށް ދިމާވި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

މި ގަރާރުގައި ބުނެފައިވަނީ، އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް، ގިނަ އަދަދެއްގެ ބަޔަކު ޑައުން ޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމުލަ އަގުވެސް ދައްވާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުނިމި އެތަކެއް އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ކޭ-ޕާކް މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓެއް އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް ވިއްކުމަށް އެއްބަސްވުން ހެދިކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ، ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ފަރާތްތަކެއް އަތުން ފައިސާ ނަގައިފައިވާކަން އެނގެންއޮތް ކަމަށެވެ. އަދި އެ ފަރާތްތަކަށް ފްލެޓް ދޭނެ ފަރާތެއް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން އެ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ޤަރާރުގައި ބުނެފައިވަނީ، ފައިސާ ދެއްކުމަށްފަހު، ފްލެޓް ނުލިބި ލަސްވަމުން ދިއުމުގެ ސަބަބުން، މާލީ ގޮތުން ގެއްލުންވެ، އެ ފައިސާ އެ މަޝްރޫގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓެއް ގަތުމަށް ފުރުސަތު ބަންދުވެފައިވާ ކަމަށެވެ. އަދި ފްލެޓް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގަވާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނާތީ، އެ މަޝްރޫއިން ފްލެޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ސަބަބަށްޓަކައި، ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކަށް ފޯމު ހުށަހެޅުމަށް ހުރަސްއެޅިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލައަކީ ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ނުހަނު މުހިންމު ކަމެއްކަން ފާހަގަކޮށް ޤަރާރުގައި ބުނެފައިވަނީ، ކޭ-ޕާކް ފްލެޓްތައް ހަވާލުކުރުން ލަސްވަމުންދާނަމަ ނުވަތަ އެ މައްސަލަ ހައްލުނުވެ އިތުރު ޒަމާންތަކެއް ފާއިތުވެގެން ހިނގައްޖެނަމަ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ނުރައްކާ އޮތްކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ