ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށްބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. އަދި މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 37 މެންބަރުން ވޯޓު ދެއްވި އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، ހުޅުމާލެ ހޮސްޕިޓަލާމެދު އާންމުންގެ މެދުގައި އެތަކެއް ޝަކުވާތައް އޮތް ކަމަށާއި އަދި އެތަނުން ހިދުމަތްތައް ދިނުމަށް ބޭނުްނވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްނުދިނުމާއި، އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދޭތީއާއި ހިދުމަތްތައް ދިނުމަށް ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީހުން ވަޒީފާއަށް ނެގުމަށް ހުރަސްތަކާކުރިމަތިވަމުންދާ ކަމަށް މައުލޫމާތުލިބޭ ކަމަށެވެ.
އެގޮތުންހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއްކަމަށް ކަނޑައަޅާފައިވީނަމަވެސް އެގޮތަށް ހިދުމަތްދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތްކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ތިބި މެޑިކަލް އޮފިސަރުންނަކީ ތަނަށް ބޭނުންވާ އަދަދަށްވުރެ މާ މަދުބައެއްކަމާއި، ގިނަ އިރު މަސައްކަތްކުރަން ޖެހުމުން ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލޭކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލުގައި ބައެއްކަހަލަ ސްޕެޝަލިސްޓުން ނެތުމާއި އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައިވެ އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، ހުޅުމާލެ ހޮސްޕިޓަކުގެ ހިދުމަތްތައް ދޭތެރެދޭތެރެއިން މެދުކެނޑޭ ކަމަށެވެ. އެހެންކަމުން އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ބުނެފައިވެ އެވެ.