ކުރު މުއްދަތަކަށް އެ މަޤާމާއި ހަވާލުވުމުގެ ބޭނުމަކީ ކުންފުންޏަށް ބޭނުންވި ބަދަލުތައް ގެނެސް، ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރުން ކަމަށާއި، އެ މަސައްކަތްތައް ހާސިލުވެފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލް ވިދާޅުވެއްޖެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަޤާމުން، މަޤާމާއި ހަވާލުވިތާ އެންމެ ހަ މަސް ދުވަހުގެ ތެރޭގައި ރިޓަޔަރަވުމަށް ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އެޗްޑީސީގެ އެމްޑީކަމުގެ މަޤާމާއި ހަވާލުވުމުގެ ކުރިން އޭނަ ހުންނެވީ ސެމީ ރިޓަޔަރމެންޓުގައި ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް އެދިވަޑައިގަތުމުން، ހުޅުމާލެ އުފެއްދުމުގެ މަސައްކަތުގައި 24 އަހަރު ކުރިން ބައިވެރިވެފައިވާ ފަރާތެއްގެ ހައިސިއްޔަތުން، މިއީ ވަރަށް ޔުނިކް ފުރުސަތެއްގެ ގޮތުގައި ފެނިވަޑައިގެންނެވުނު ކަމަށް ވިދާޅުވިއެވެ.
މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް ގިނަ ދުވަހު އެ މަޤާމުގައި ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް މައުރޫފް ފާހަގަކުރެއްވިއެވެ.
”ރައީސް އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް ކުރައްވާފައި، ވަރަށް ގާތްކަންވެސް ބެހެއްޓެވި. ދެން ހަމަ ކުރި ހުރިހާ ރިކްއެސްޓުތަކެއްވެސް ކަމަކަށް ހަމަ ނޫނެކޭ ވިދާޅުނުވެ ހުރިހާ ކަމަކަށް ފެސިލިޓޭޓް ކޮށްދެއްވައިގެން، އެގޮތަށް ހަމަ ޕްރޮޖެކްޓުގެ، އަޅުގަނޑު މި މަސައްކަތުގައި ކުރިއަށްދާން ފުރިހާ ފުރުޞަތުތަކެއް ދެއްވި،“ މައުރޫފް ވިދާޅުވިއެވެ.
އެޗްޑީސީއަށް ވަޑައިގެންނެވިއިރު، އެތަނުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް މައުރޫފް ވިދާޅުވިއެވެ. އެގޮތުން، ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރުމާއި، އެޗްޑީސީގެ ހިންގުން ހަރުދަނާކުރުން ފަދަ މުހިންމު ލަނޑުދަނޑިތައް އޭނާ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހުޅުމާލެ ފޭސް 2 ގެ ޑެންސިޓީ މަތިކޮށްފައި އޮތުމާއި، ބަނދަރުގެ ހާލަތު ކޮމްޕްރޮމައިޒްވެފައި އޮތުން ފަދަ ކަންކަން ހިތްހަމަނުޖެހުނު ކަމަށް ވިދާޅުވެ، އެ ބައިތައް އިސްލާހުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ. މިހާރު މިގިނަ ކަންތައްތައް ހާސިލުވެފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން ކުންފުނީގެ ގަވަރނަންސް ރަނގަޅުކުރުމުގެ މަސައްކަތްތައް ފެށި، އައިއެސްއޯ ސްޓޭންޑަޑްތަކަށް މަސައްކަތް ކުރުމާއި ސްޓްރަކްޗަރަލް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވުނު ކަމަށް މައުރޫފް ވިދާޅުވިއެވެ. މި ބަދަލުތައް މިހާރު ފެނިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައުރޫފް ޖަމީލް ވިދާޅުވީ، މިއީ އެއްގޮތަކަށް ވެސް ފުލް ރިޓަޔަރމެންޓެއް ނޫން ކަމަށާއި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެޗްޑީސީއަށް އެޑްވައިސް ދެއްވުމަށް ނުވަތަ އެހެން މަޤާމެއްގައި ހުންނަވަން ބޭނުންފުޅުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުރު މުއްދަތަކަށް މަޤާމާއި ހަވާލުވުމުގައިވެސް ބޭނުންފުޅުވި ޓާގެޓްތައް ހާސިލުކުރެވޭނެ ކަމަށް ޔަޤީންކުރެއްވުނު ކަމަށާއި، އެކަން ހާސިލުވެފައިވާތީ އެ މަޤާމު ދޫކޮށްލެއްވުން އެއީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މައުރޫފު ވަކިވެވަޑައިގަންނަވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުންނެވެ.
މައުރޫފު މަޤާމުން ދުރަށް ވަޑައިގަންނަވަނީ ސިއްހީ ބައެއް ކަންކަމާ ގުޅިގެންކަމަށާއި މިއީ ކުރިއާލާ ނިންމާފައިވާ ނިންމުމެއްކަމަށް މައުލޫމާތު ލިބެ އެވެ. އަދި މައުރޫފް ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ ”އެޑްވައިޒަރީ“ ފެންވަރުގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މައުރޫފަކީ އެޗްޑީސީ އުފެއްދިއިރުވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ އެޗްޑީސީގެ އެމްޑީގެ މަޤާމަށް އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. އެއީ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު، ހުޅުމާލެއިން ބިން ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެ، މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް
