ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ގާއިމުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި، އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރުމަށްޓަކައި، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި ސޮއިކޯށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓްއިންނެވެ.

މި ނާދީ ގާއިމުކުރުމުގެ މަސައްކަތަކީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް އެޗްޑީސީން ބުނެ އެވެ.

މި އެމްއޯޔޫގައި ސޮއިކުރުމަށްޓަކައި މިއަދު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް އަލީ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި ނާދީ ތަރައްގީކުރަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކުގަ އެވެ. މި މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެޗްޑީސީން ވަނީ އަމާޒު ހިފާފަ އެވެ. މި ނާދީގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އެފަރާތްތަކަށް ބޭނުންވާ އިޖްތިމާއީ ހިދުމަތްތައް ފުޅާކުރުންކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގައި އަލަށް އަޅާ ނާދީގައި ހިމެނޭނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާ ލިބޭނެ އިންތިޒާމް ހިމެނެ އެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ހިތްހަމަޖައްސާލައި އަރާމުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން، ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް އެތަނުގައި ހިމެނޭނެ އެވެ.

އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްގީކުރި ނާދީން މިއަހަރުގެ ކުރީކޮޅު ވަނީ ހިދުމަތްދޭން ފަށާފަ އެވެ. އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ