ހދ. ހަނިމާދޫ އެއާޕޯޓް ހިންގާނެ ފަރާތެއް ހޯދުމަށް އެންމެ ރަނގަޅު ގޮތަކީ ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއިން އެކަން ކުރުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ޓެލެގްރާމް ޗެނަލަކަށް ފޮނުއްވި މެސެޖެއްގަ އެވެ
ނަޝީދު ވިދާޅުވެފައިވަނީ، އެއާޕޯޓާއި އެހެނިހެން ވިޔަފާރިތައް ވެސް ޕްރައިވެޓް ސެކްޓަރުން ހިންގުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. އަދި އެ ފަރާތަކީ ދިވެހި ނުވަތަ ބޭރުގެ ފަރާތެއްތޯ ނިންމުމަށް އެންމެ ރަނގަޅު ގޮތަކީ، ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއިން ސަރުކާރަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާ ހަވާލުކުރުން ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ހިންގުމަށް ވެސް އެންމެ ރަނގަޅުވާނީ ޓެންޑަރކޮށްގެން ބަޔަކު ހޯދުން. އެއާލައިންއަކުން ހިންގައިފި ނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ.
ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، އިތުރަށް ދަރަނިވެރިވެ، ލޯނުތައް ދެއްކުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، އަތުގައި ހުރި ވަސީލަތްތައް ކުއްޔަށްދީގެން އާމްދަނީ ހޯދުމަކީ ރާއްޖެއަށް މާ ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އަދި މިސާލެއްގެ ގޮތުން، ޖީއެމްއާރަށް އެއާޕޯޓު ދެވުނުނަމަ، ދެ ބިލިއަން ޑޮލަރުގެ ދަރަނި ނެތި، އާ އެއާޕޯޓެއް ހެދިތާ 10 އަހަރު ވެފައި އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓުގެ މި މައްސަލަ މިހާރު ވަނީ ސިޔާސީ ބަހުސަކަށް ވެފަ އެވެ. އެގޮތުން ކުރީ ރޭ ޕީއެންއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ، ތަރައްގީކޮށް ނިމެން ކައިރިވެފައިވާ ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
ރައީސް ޔާމީންގެ ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ޔާމީން ވެރިކަމުގައި ހުންނެވި އިރު ’ބަލިވެގެންކަމަށް ހަދާފަ’، ސިންގަޕޫރަށްކުރި ކޮންމެ ދަތުރެއްކުރީ، ވަގު ޑީލު ހަދާ ދައުލަތް ލޫޓުވާލަންކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސް އަބްދުﷲ ޔާމީން ރައީސް މުހައްމަދު ނަޝީދު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު