ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގެ ސަގާފަތާއި ފަންނީ ދާއިރާގެ މުއްސަނދިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންގައިދިނުމަށް ތައާރަފުކުރެވޭ ޕްރޮގްރާމެކެވެ.
އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ފަންނާނުންގެ އުފެއްދުންތެރި މަސައްކަތްތަކާއި، ފަންނީ އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނުގައި ދައްކުވައިދިނުމެވެ. މީގެ އިތުރުން ދިވެހި ސަގާފަތާއި، ތަރިކައާއި، އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކާ ހިއްސާކުރުމަށް މަގުފަހިކުރުމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެ ފަރާތްތަކަށް ފެންނަން ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ ވަނަވަރާއި ފަންނީ ޕޯޓްފޯލިއޯގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ޚިޔާލުތައް ހިމެނޭ ޕްރޮޕޯޒަލް އެމްއެމްޕީއާރްސީއަށް މެއިލް ކުރަންވާނެއެވެ.
މިއީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުންނަށް އެމީހުންގެ އުފެއްދުންތައް ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރްސީން ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން