ދިވެހިރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާއިން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު ތައްޔާރުކޮށްފި އެވެ.
ރާއްޖޭގެ ކަނޑުމަހުން ދަޅުމަސް އުފައްދާފައި ވަނީ ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ.
އެ ކުންފުނިން އުފެއްދި ދަޅު މަސް ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފަ އެވެ. މިކަމަށްޓަކައި ޗައިނާގައި ރަސްމިއްޔާތެއްވެސް ބާއްވާފައިވެ އެވެ.
މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއް ކަމަށެވެ.
ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފްވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވެވި ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވެ އެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ސީފުޑްގެ ގިނަ ބާވަތްތަކެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ބޭރުކުރެވެ އެވެ.