މެލޭޝިއާގައި ބޭރު ދަރިވަރުން ކިޔަވާ ތަންތަނުން 6 އިންސައްތަ ޓެކްސްއެއް ނެގުމަށް ނިންމާފައިވާތީ އެ ޓެކްސްގެ އުނދަގޫ ދިވެހި ދަރިވަރުންނަށް ނުކުރާނެ ގޮތެއް ދިވެހި ސަރުކާރުން ހޯދަން ފަށައިފި އެވެ.
މިކަމާ ގުޅިގެން ޖަވިޔަނި ނޫހުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރުމުން މިނިސްޓަރު ވަނީ މެލޭޝިއާ ސަރުކާރާއެކު މިކަމާ ބެހޭ މަޝްވަރާތައް ކުރާނެކަމަށް ވިދާޅުވެފަ އެވެ.
އަޅުގަނޑުމެން މި ބަލަނީ އެ ޓެކްސް ދަރިވަރުން އަތުން ނަގާނަމަ ދިވެހި ދަރިވަރުންނަށް ޓެކްސް އެކްސެމްޕްޝަންއެއް ނޫނީ ރިޑަކްޝަންއެއް ހޯދައިދޭން. ޑިޕްލޮމެޓިކް ޗެނަލްތަކުން އެކަންކަން ކުރިއަށް ދާނެ. މަޝްވަރާ ކުރަމުން މިދަނީ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަޝްވަރާތަކުން އެއްވެސް ހައްލެއް ނުލިބިއްޖެ ނަމަ، ދިވެހި ސަރުކާރުން އެ ޓެކްސްއަށްވާ ބައި ދެއްކުމާ މެދުވެސް ވިސްނާފައިވާ ކަމަށެވެ.
މެލޭޝިއާގެ މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާން ކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި 1 އިން ފެށިގެން ބޭރުގެ ދަރިވަރުންނަށް ޕްރައިވެޓް ތައުލީމީ ހިދުމަތްތައް ދޭ ތަންތަނުން 6 ޕަސެންޓްގެ ސަރވިސް ޓެކްސްއެއް ނަގަން ފަށާނެއެވެ. މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ޕްރީސްކޫލް، ސްކޫލް، ކޮލެޖް، ޔުނިވަރސިޓީ އަދި ލޭންގުއޭޖް ސެންޓަރުތަކުންނެވެ.
އަހަރަކު 60،000 ރިންގިޓަށް ވުރެ މަތިން ޓިއުޝަން ފީ ނަގާ އަމިއްލަ ތައުލީމީ މަރުކަޒުތަކުން މި ޓެކްސްއަށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތަކާއި ބަސް ދަސްކޮށްދޭ މަރުކަޒުތަކުން، އާމްދަނީގެ މިންވަރަކަށް ބެލުމެއް ނެތި، ބޭރުގެ ދަރިވަރުންނަށް ކިޔަވައިދޭނަމަ މި ޓެކްސްއަށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ. ނަމަވެސް މެލޭޝިއާގެ ދަރިވަރުންނަށް މި ޓެކްސްއިން އިސްތިސްނާ ލިބިގެންވެއެވެ.
މެލޭޝިއާ ސަރުކާރުން މި ޓެކްސް ތައާރަފުކުރަނީ އެ ގައުމުގެ މާލީ ހާލަތު ވަރުގަދަ ކުރުމަށާއި، މެލޭޝިއާގެ ގިނަ ރައްޔިތުންނަށް އިތުރު ބުރައެއް ނުޖެހޭ ގޮތަށް އާމްދަނީ އިތުރުކޮށް، ޓެކްސް ބޭސް ފުޅާކުރުމުގެ މަގުސަދުގައެވެ.
ރާއްޖެ - މެލޭޝިޔާ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް