ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް، ހަ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު އޯޕީޑީގެ ޚިދުމަތް އާންމު ހާލަތަށް ގެނެވިއްޖެ އެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މެއިން އިލެކްޓްރިކް ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކުރަން ޖެހުނު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހޮސްޕިޓަލުގެ އެހެން ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް އަރާފައި ނުވާކަން ފާހަގަކޮށް، އޯޕީޑީގެ ޚިދުމަތް އެކަނި ވަގުތީ ގޮތުން ކްލިނިކަށް ބަދަލުކުރަން ޖެހުނު ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިތުރުން އެކި ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ. އަދި މައްސަލަ ހައްލުކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.