ހއ. ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ބާރަށުގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ދޫކުރަން ނިންމާފައި ވަނީ ޓޫރިޒަމްގެ ބޭނުމަށް އެ ރަށުން ކަނޑައަޅާފައިވާ 71،832 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ.
އިއުލާނުގައިވާ ގޮތުން، ހޮޓާ ތަރައްގީ ކުރަން ޖެހެނީ މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށެވެ. އަދި މަސައްކަތް ކުރުމަށް ބިން ހަވާލުކުރާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ކަަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން އެދިފަ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ planning@tourism.gov.mv އަށް މައުލޫމާތު މެއިލް ކުރަން ޖެހެ އެވެ.
ބީލަން ހުށަހަޅަން ޖެހެނީ އެ މިނިސްޓްރީއަށް ހާޒިރުވެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.