ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު އަމީން ތުރުކީއަށް ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، ރަސްމީ ދަތުރުފުޅެއްގައި ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ވަޑައިގެންފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅަކީ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025“ ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

2025 ޖޫން 27 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އިފްތިތާޙްކުރައްވާ މި ފޯރަމްގައި، މިނިސްޓަރ އަމީން ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްޤީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ.

ފޯރަމްގެ މަޝްވަރާތަކުގައި ޚާއްޞަ ސަމާލުކަމެއް ދެވޭނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ތަރައްޤީކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަގުފަހިކުރެވޭނެ އެވެ.

މިނިސްޓަރ އަމީން ބައިވެރިވެވަޑައިގަންނަވާ ސެޝަނަކީ އެކި ޤައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަޤްބަލް ބައްޓަންކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ މަންޞައެކެވެ. މި ސެޝަންގައި އިސްކަންދޭ ކަންތައްތަކާއި، ޢަމަލީ ޙަޤީޤަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރެވޭނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ