ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދާ، އަމިއްލަ ކެޕޭސިޓީގައި ހިނގާނެ ކުންފުންޏަކަށް ހެދުމަކީ އަމާޒެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި މޯލްޑިވިއަންގެ އާ އިންޖިނިއަރިން ސާވިސް ބިލްޑިން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”އުންމީދަކީ ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ވަރަށް ބާރަށް ކުރިއަށް ގެންގޮސް އަމިއްލަ ކެޕޭސިޓީއާއެކީގައި ކުރިއަށް ދެވޭނެ ކުންފުންޏަކަށް ބަދަލުވެގެން ދިއުން. މިގޮތަށް ބަދަލުވެގެން ދިޔައީމަ ސްޓާފުންނަށްވެސް ރަނގަޅުވެގެންދާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވިއަންގެ އާ އިންޖިނިއަރިން ސާވިސް ބިލްޑިން ބިލްޑިންގ ހުޅުވާފައިވަނީ މޯލްޑިވިއަންގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާގުގެ ނަންމަތީގައި ”އަލީ ފިރާގް އިންޖިނިއަރިން ސާވިސް ބިލްޑިން“ ގެ ނަމުގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އާ އިންޖިނިއަރިން ސާވިސް ބިލްޑިންގެއް ހުޅުވިގެން ދިއުމުން މޯލްޑިވިއަންގެ މެއިންޓަނަންސާއި އެފަދަ ކަންކަމަށް ކުރަމުން އަންނަ ހަރަދުތަކަށް ލުއިތަކެއް ލިބިގެންދާނެ އެވެ. އަދި މި އާ ބިލްޑިންގުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކެއްގެ މެއިންޓަނަންސްގެ ހިދުމަތް މޯލްޑިވިއަނުން ދެމުން އަންނަ އިރު، މި އާ ސާވިސް ފެސިލިޓީއާ އެކު އެކަމަށްވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން