މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭފަދަ ދަތުރުފަތުރުގެ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރުމަށް އެހީތެރިކަން ބޭނުންވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި މިހާރު ކުރިއަށްދާ ”ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025“ ގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމްގެ ”މެރިޓައިމް ކަނެކްޓިވިޓީ ފޯރ އައިލެންޑް އެންޑް ކޯސްޓަލް ނޭޝަންސް: ޝެއަރޑް އޮޕަޗުނިޓީސް، ޑިސްޓިންކްޓް ޗެލެންޖަސް“ ސެޝަންގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އަމީން ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
މިނިސްޓަރު އަމީން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކަނޑުގެ ދަތުރުފަތުރުގެ ގުޅުން މުހިންމުވާ މިންވަރާއި، ބައިނަލްއަޤްވާމީ އެހީތެރިކަން ކޮންމެހެން ބޭނުންވާ ދާއިރާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭފަދަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ އެހީތެރިކަން ހިމެނެ އެވެ.
2025 ޖޫން 27 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ފޯރަމްގައި 20 އަށްވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްޤީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ. ފޯރަމްގެ މަޝްވަރާތަކުގައި ޚާއްޞަ ސަމާލުކަމެއް ދެވޭނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން