އަންނަ މަހު ބ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، މިއަދު ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައި ވަނީ، ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އެމަނިކުފާނުވީ ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
”މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ، ޖުލައިމަސް ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީގެ ޚިދުމަތް ފަށާނެ ކަމަށް އެމަނިކުފާނުވީ ވަޢުދުވެސް ފުދިގެންދާނެ ކަމަށާއި، އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެނީ 3 ރޫޓަކަށް ބަހާލައިގެން ކަމަށާއި، ޚިދުމަތް ދިނުމަށް 2 ލޯންޗު ފެރީ ބޭނުންކުރަމުންދާ ކަމަށެވެ.
ރ. އަތޮޅުގެ ރައްޔިތުންނަށް މި ޚިދުމަތަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރެވޭނެ އެވެ. ނަމަވެސް ޖުލައި 3 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީ ދަތުރުތައް ކުރެވޭނީ ޓިކެޓް ނަގައިގެންނެވެ. މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ދަތުރުވެރިންނަށް ފަސޭހަކަމާއެކު ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)