ފަސް މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ފަސް މިލިއަން ގަސް ޕްރޮޖެކްޓްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެ ފެހިކޮށް، ކާބަންޑައިއޮކްސައިޑް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް މަގުފަހިކުރުމެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އެމްޕީއެލްގެ ފަރާތުން ދިން މަޢުލޫމާތުގައި، ކުރިއަށް އޮތް ތަނުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ އެއްބަސްވެފަ އެވެ. ”މި ހަރަކާތްތަކުގެ ތާވަލާއި އިތުރު ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި އާންމުކުރާނެ“ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މަޢުލޫމާތު ދެއްވި އެވެ.
ފަސް މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންދެވިފަ އެވެ. އަދި މި މަޝްރޫޢަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ވެސް ފާހަގަކުރެވެ އެވެ.
އެމްޕީއެލްގެ ފަރާތުން އިތުރަށް ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގައި ބައިވެރިވުމަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ތެރެއިން ކުރާ މުހިންމު މަސައްކަތެކެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެމްޕީއެލްއިން އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފަސް މިލިއަން ގަސް އިންދުން
