އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތްލެބްގެ ހިދުމަތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނާޒިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.
އަޒާން ސުވާލު ކުރައްވާފައިވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތްލެބްގެ ހިދުމަތް ނުފެށި ލަސްވަނީ ކީއްވެތޯއާއި އެ ހިދުމަތް ރައްޔިތުންނަށް ލިބެންފަށާނެ ތާރީހު ސާފުކޮށްދެއްވުމަށް އެދި އެވެ.
އެ ސުވާލަށް ފޮނުއްވި ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކެތްލެބް ޤާއިމު ކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މެޝިނަރީސް އިންސްޓޯލް ކުރުމާއި ގުޅުންހުރި މަސައްކަތްތަކުގެ 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ކެތްލެބް ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާނު ކޮށްފައިވާ ކަމަށެވެ.
”ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދާ އެފަރާތަކާއި ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކޮށް، ހަތަރު މަހެއްހާ ދުވަހުގެ ތެރޭ ހިދުމަތް ފެށޭނެކަމަށް ލަފާކުރެވެ އެވެ.“ މިނިސްޓަރު ނާޒިމް، ލިޔުމުން ފޮނުއްވި ޖަވާބުގައި ވެއެވެ.
ފަސް އަހަރުގެ މުއްދަތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ކެތުލެބު ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި އެދިފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29ގެ ކުރިން އެކަމަށްއެދި ހުށަހެޅުމަށެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން އައްޑޫ ސިޓީ