ރާއްޖެއަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުގެ ފާމަސިއުޓިކަލް އެސޯސިއޭޝަނާއެކު ހެލްތް މިނިސްޓްރީން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހެލްތް މިނިސްޓްރީގެ އިސްވެރިން އިސްލާމާބާދަށް ކުރި ރަސްމީ ދަތުރުގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި، ދެ ފަރާތުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ރެގިއުލޭޓަރީ އެލައިންމަންޓާއި، ކޮލިޓީ އެޝުއަރެންސް އަދި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމާ ގުޅޭ ކަންކަމުގެ މައްޗަށެވެ.
ޕާކިސްތާނަކީ ބޭހުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ ޤައުމަކަށް ވުމާއެކު، މި ދާއިރާގައި އެ ޤައުމުގެ ތަޖުރިބާއިން ރާއްޖެއަށް މަންފާކުރާނެ ކަންކަން ދެނެގަތުމަކީ މި ބައްދަލުވުމުގެ އެއް މަޤްޞަދު ކަމުގައި ހެލްތް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގެ މެދުގައި އިތުރު ތަފްސީލީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
