ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކޮމިޝަނާ އޮފް ޕޮލިސް އަށް ގުޅުއްވުމުން ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަށް ނުފެންނަ ކަމަށާއި، ހެޔޮނިޔަތުގައި ނަމަވެސް ގުޅުމަކީ ބަލައިގަންނަން ދަތިތަކެއް ކަމަށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.
މި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ވަނީ މިނިސްޓަރު އަމީންއާ ސުވާލު ކޮށްފަ އެވެ. ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، އޭޕްރިލް 16 އިން ފެށިގެން މިނިސްޓަރު އަމީން ހުުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށާއި މާލެ ވަޑައިގަތީ 18 އޭޕްރިލް ވީ ހުކުރު ދުވަހު ހެނދުނު 08:20 ހާއިރު ކަމަށެވެ.
ރިޕޯޓުގައި ބުނެފައިވަނީ، މިނިސްޓަރު އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގޭ ޓެރަހުގައި އޭޕްރިލް 17 ވަނަ ދުވަހު ރޭ އެއްވުމެއް އޮތް ކަމަށް މިނިސްޓަރު އަމީން ކޮމިޝަނަށް މައުލޫމާތުދެއްވި ކަމަށެވެ. އަދި ޓެރަސްގައި އޮތް އެއްވުމުގައި މިނިސްޓަރު އަމީނަށް ބޮޑުބޭބެ ކިޔާ 2 މީހަކު ހިމެނޭ ކަމަށްވެސް އިންކުއަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.
ކޮމިޝަނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުން ދަނިކޮށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅުއްވީ، މއ. މާންދޫގޭދެކުނުގޭއަށް ފުލުހުން ވަންނަން ކޯޓު އަމުރެއް ބޭނުންނުވާނެކަން ދެންނެވުމަށް ކަމަށެވެ.
އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ، ފުލުހުންގެ ނިއުސް ބްރީފުންއެއް ލައިވްޓީވީގައި ކުރިއަށްދަނިކޮށް، މައްސަލައާ ގުޅޭގޮތުން ހެޔޮނިޔަތުގައި ނަމަވެސް، ފުލުހުންގެ އެއްވެސް އޮފިސަރަކަށް މިނިސްޓަރު އަމީން ގުޅުއްވައި، މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ، އާންމު މީހެއްގެ ވިސްނުމުން ބެލިނަމަވެސް، ބަލައިގަންނަން ގަތިކަމެއް ކަމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ.
”ނަމަވެސް، މިނިސްޓަރު މުހައްމަދު އަމީންގެ ފޯނު ކޯލުގެ ސަބަބުން އެކަމާ ގުޅިގެން، މި މައްސަލައިގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަށް މި ކޮމިޝަނަށް ނުފެނެއެވެ.“ ރިޔާސީ ކޮމިޝަންގެ އިންކުއަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިމައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓު މިއަދު އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި ރައުދު ފިޔަވައި އެހެން މީހެއްގެ ބައިވެރިވުން އަމަލީގޮތުން ނުވަތަ އެނޫން ގޮތަކަށްވެސް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ރައުދު ގަސްތުގައި ޔުމްނު ފުރާޅު މައްޗަށް ވައްޓާލިކަމަށްވެސް ކޮމިޝަނަށް ނުފެންނަ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން ކޮމިޝަންގެ ހޯދުންތަކުން ޔުމްނު އަމިއްލަ އިޚްތިޔާރުގައި ފުންމާލި ކަމަށް ބެލެވެން ނެތްކަަމަށާއި އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.