ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިނިސްޓަރު އަމީންއާ ސުވާލުކުރައްވާފަ އެވެ. އެގޮތުން ހެލިކޮޕްޓަރު ހިދުމަތް ނުފެށި ވަނީ ކީއްވެތޯއާއި ހިދުމަތް މިހާރު ފެށޭނެ ކަމަށް ބެލެވޭ މުއްދަތަކީ ކޮބައިތޯ އަދި ބަޔަކާ އެ ހިދުމަތް މިހާރު ހަވާލުކޮށްފައިވޭތޯ ސުވާލުކުރައްވާފައިވެ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެއާޕޯޓުތައް ގިނަވާ މައިގަނޑު އެއް ސަބަބަކީ މެޑިކަލް އިވެކުއޭޝަން ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ދަތުރުކުރެވޭނެ ވަސީލަތްތައް ނެތުން ކަމަށާއި އެގޮތުން ވިސްނިކަމުގައިވިޔަސް ހެލިކޮޕްޓަރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ސާޗް އެންޑް ރެސްކިއުއަށް ވެސް ހެލިކޮޕްޓަރު މުހިންމު ދައުރެއް އަދާކުރާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަކީ ސަލާމަތީގޮތުން ރައްކާތެރިކަމެއްތޯ ބެލުމަށް ޔޫކޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ޓެސްޓުތަކެއް ހެދިކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ވަކި މިންގަނޑަކަށް ފެތޭ ހެލިކޮޕްޓަރު އޮޕަރޭޓްކުރުން ރަނގަޅުކަމަށް އެ ޓެސްޓުގެ ނަތީޖާއިން ދެއްކިކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ހެލިކޮޕްޓަރު ހިދުމަތް ފެށުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރަތަމަ ހުޅުވާލީ ސާޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ވަކި ޚިދުމަތްތަކެއް ހިލޭ ފޯރުކޮށްދޭ ގޮތަށް، ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ. އެ ފުރުސަތުގައި 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރިނަމަވެސް މިކަމުގައި ދައުލަތަށް ނަގާ ބައި ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރިކަމަށެވެ.
އެހެންކަމުން ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އަލުން ޑިސެމްބަރުގެ ކުރިން ހުޅުވާލާނެ ކަމަށާއި އަދި އަހަރެއްހާ ދުވަހުގެތެރޭ މިކަން ކާމިޔާބުކުރެވުނު ކަމުގެ ޔަގީންކަން އޮތްކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
