މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
މި ހިނގާ ޖޫންމަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައި ވަނީ، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތައްއްސަބުތައް ނައްތާލުމާއި، އަންހެން ކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެކަމަނާ ގެންދަވަނީ، ދަރިމައިވުމުގެ ސިއްޙަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމަށްޓަކައި މެރކް ފައުންޑޭޝަނާއެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ.
މީގެ އިތުރުން، ހަކުރުބައްޔާއި ލޭމައްޗައް ދިއުމުން ރައްކާތެރިވުމާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް، މެރކް ފައުންޑޭޝަނާއެކު އެކަމަނާ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
