ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، އިޖުތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ދީފި އެވެ.
މި ވަޒީފާތައް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް، އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި 30 ފަރާތްތަކަށް ވަޒީފާ ދިނުމަކީ އެޗްޑީސީގެ މަސައްކަތްތަކުގައި ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މިފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ މުހިންމުކަމަކީ، އެފަރާތްތަކުގެ ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިޤްތިސާދީ ގޮތުން އެހީތެރިވެދިނުމެވެ. އެޗްޑީސީން ބުނެފައިވަނީ މިވަގުތުވެސް އެ ކޯޕަރޭޝަންގެ އެކިއެކި ޑިޕާރޓުމަންޓުތަކުގައި ނުކުޅެދޭ ފަރާތްތަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް އާންމުންނަށް ޚިދުމަތް ދިނުމަށް ތައާރަފުކުރެވުނު އޭއައި ބޮޓް ”މިތުރު“ ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފައެވެ. މިކަމުގެ ސަބަބުން ނުކުޅެދޭ ފަރާތްތަކަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ.
އެޗްޑީސީން ބުނެފައިވަނީ ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށާއި، މިފަދަ އިޖުތިމާޢީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެ ކޯޕަރޭޝަންގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް


