އެންމެން ބައިވެރިވާ މުޖްތަމައެއް ބިނާކުރުމުގެ މަގަށް މިއަދު ރާއްޖޭގެ މިސްރާބު ބިނާކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވެފައި ވަނީ، އެޗްޑީސީން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީ، އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، މި ފަހިވެގެން ދިޔައީ އަމިއްލަ މަސައްކަތުން އާމްދަނީ ލިބޭނެ ފުރުޞަތު އެތައް ދިވެހިންނަކަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެއްވާފައި ވަނީ ވަރަށް ޚާއްސަ އިސްކަމެއް ކަމަށާއި، މިއީ އެ މީހުންނަށް މުޅި ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އެކި ކަހަލަ ޞިއްޙީ މައްސަލަތަކުގައި އެކި މީހުން ތިބޭ ކަމަށާއި، އެއީ ގުދުރަތުން އެކަން ލައްވާފައިވާ ގޮތް ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ. އަދި ސަރުކާރުތަކުގެ ވާޖިބަކީ އެފަދަ ހާލަތްތަކަށް ރިއާޔަތްކުރުން ކަމަށާއި، މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.
އެގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީން) ވަނީ ޚާއްސަ އެހީ ބޭނުންވާ 30 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފަ އެވެ.



