ބާޒާރުގައި ލުނބޯގެ އަގު އުފުލިއްޖެ އެވެ.
ބާޒާރުގައި މިހާރު ލުނބޯ ކިލޯ އެއްގެ އަގު ހުރީ 65 ރުފިޔާ އާއި 70 ރުފިޔާ އާ ދެމެދުގަ އެވެ. މީގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާއަށެވެ.
ރާއްޖޭގައި މޭވާ އާއި ތަރުކާރީގެ އަގު އުފުލެނީ ސަޕްލައި ދަށްވެ ބާޒާރުމަތީގައި އެތަކެތި ލިބެން ހުންނަ މިންވަރު މަދުވުމުންނެވެ. ދޭތެރެ ދޭތެރެއިން މޭވާ އާއި ތަރުކާރީގެ ސަޕްލައި ދަށްވެ ބައެއް ބާވަތްތަކުގެ އަގު އުފުލެއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކުންފުނި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން މީގެކުރިންވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް ރާއްޖެއަށް އެތުރުކުރަން ފަށާފައެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކޮށް އެސްޓީއޯއިން ރާއްޖެއަށް ގެންނަން ބާވަތްތަކަކީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް،މޭބިސްކަދުރު، ފިޔާ (ރަތް)، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި، މުގު (ރީނދޫ)، ކުކުޅު ބިސް އަދި ކާށި އެވެ.
މި ފަހުން ރާއްޖޭގައި އޮރެންޖާއި އާފަލުގެ އަގު އިންތިހާއަށް އުފުލުނެވެ. އެސްޓީއޯ އިން މި ތަކެތި ރާއްޖެއަށް ގެންނަން ފެށުމުން ސަޕްލައި އިތުރުވެ އަގުތައް ތިރިވި އެވެ.


