ޗައިނާ އަދި ރާއްޖޭގެ އިންޖިނޭރުން ބިނާކުރި ސިނަމާލެ ބްރިޖަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުން ގެނެސްދީފައިވާ މަސައްކަތެއް ކަމަށް ޗައިނާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވާފައިވަނީ އިއްޔެ އެވެ.
އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޗައިނާ ސަފީރު ވިދާޅުވެފައިވަނީ ޗައިނާ، މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ދެގައުމުގެ އިންޖިނޭރުންގެ މުހިންމު މަސައްކަތެއް ކަމަށާއި މިކަމުން ރާއްޖޭގެ އިހގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ.
މިކަމުންވެސް އިންޖިނޭރުން ބިނާކުރަނީ ހަމައެކަނި ޕްރިޖްކެޓް ނޫން ކަމާއި އެ މަސައްކަތަކީ ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައުގެ ކުރިމަތަށް ކުރެވޭ މަސައްކަތްތަކެއްކަން ޗައިނާ ސަފީރު ފާހަގަކުރެއްވި އެވެ. އަދި އިންޖިނޭރުންނަށް ހައްޤު އިޚްތިރާމް ލިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ އާއި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އަދި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.