ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން ޑްރެޖިންގ އަދި ރީކްލެމޭޝަންގެ 58 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސޭންޑް ބައިންޑް ވޯލްގެ 78 އިންސައްތަ މަސައްކަތް ވެސް ވަނީ ނިންމާފައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 390 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމާއި، 2098 މީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓް އަދި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން ފ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް 30 މިނެޓުގެ ދަތުރެއް ކޮށްފައި ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުމެވެ. މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ސިޔާސަތެއްކަމަށް ސަރުކާރުން ބުނެ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ފ. ނިލަންދޫ
