ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖުގެ އަޅުކަމަށް މިއަހަރަށްވުރެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އިސްކަންދެއްވާނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މިފަދައިން ވިދާޅުވެފައިވަނީ، މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިން ފުރަތަމަ ފަހަރަށް މައްކާއިން މަދީނާއަށް ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މައްކާއިން މަދީނާއަށް ކުރި ދަތުރާމެދު ހުރިހާ ޙާޖީންވެސް ވަނީ ހިތްހަމަޖެހިފަ އެވެ.
”މައްކާއިން މަދީނާއަށް ކުރާ ދަތުރަށް ގެނައި ބަދަލަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ގެންނެވި ބަދަލެއް،“ ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ހާމަކުރެއްވި ގޮތުގައި، ޙައްޖުގެ އިންތިޒާމުތައް ފުރަތަމަ ހަމަޖެއްސިއިރު، މައްކާއިން މަދީނާއަށް ކުރާ ދަތުރު އެކުންފުނިން ރޭވީ ބަހުގައި ކުރުމަށެވެ. ނަމަވެސް ފަހުވަގުތު އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބައްލަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޙައްޖާޖީންނަށް ދަތުރުތައް ލުއިވާނެގޮތަށް ހަމަޖެއްސުމަށް އިރުޝާދު ދެއްވާފަ އެވެ.
—- ޝަަކީލްގެ އިންޓަވިއު
މީގެއިތުރުން ޝަކީލް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖުގައިވެސް މަސައްކަތްކުރާނީ މިއަހަރު ކަނޑައެޅި އިންތިޒާމުތަކަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ. މިކަމަކީ ކުންފުނީގެ އިސް އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.