ކުރީ ސަރުކާރުތައް ހިންގެވި ބޭފުޅުން ހަގީގަތް އޮޅޭ ގޮތަށް، ކިޔަމުންދާ ފާޑުކިޔުންތަކަށް ބެއްލެވުމެއްނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މިހެން ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
”ސިޓިންގރޫމްގައި ތިބި މީހުންނާ މިދިޔަ ސަރުކާރު ހިންގަން ތިބި މީހުން ހަގީގަތް އޮޅޭ ގޮތަށް ސަރުކާރަށް ފާޑު ކިޔަންތިއްބާ އެ ކަންކަމަށް ބެއްލެވުމެއްނެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޮޑެތި ޑްރެޖަރުތައްގެނެސް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް އެދަނީ ކުރައްވަމުން.“
އެގޮތުން، ރަސްމާލެއާއި ހުޅުމާލެ ފޭސް3 އަދި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެކަންކަން ކޮށްދިނުމަށް ރެއާއި ދުވާލު މަސައްކަތް ހިނގަމުންދާއިރު ސިޔާސީ ދެކޮޅުވެރިކަން ކިތަައްމެ ބޮޑުވިޔަސް އެ ހަގީގަތް ރައްޔިތުންނަށް ނުފޮރުވޭނެ ކަމަށްވެސް ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ، މި ހުރިހާކަމެއް ކުރައްވަމުން ރައީސް ގެންދަވަނީ ރައްޔިތުންގެގާތަށް ގޮސް ދިވެހި ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރުވަނީ 129.60 ހެކްޓަރުގެ ބިމެއްހިއްކާފަ އެވެ. މިއީ މުޅި މަޝްރޫއަށް ބަލާއިރު ގާތްގަނޑަކަށް 13 ޕަސެންޓުގެ ސަރަހައްދެކެވެ. މަޝްރޫއު ފުރިހަމަވުމުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފަ އެވެ.