ޒަމާންތަކެއް ވަންދެން ދިވެހިރާއްޖޭގައި ގެއްލިފައިވާ އާދަކާދައާއި ސަގާފަތް އަލުން އާލާވަމުން އަންނަތަން ފެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ އެޑްވައިޒަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯްޓެއްގައި ނަރީޝް ފާހަގަކުރެއްވި ގޮތުގައި، ”އީދާއި ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގައި ރަށްރަށާއި އަތޮޅުތަކާއި ސިޓީތައް ވާދަވެރި ގޮތެއްގައި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ދިވެހީންގެ ޒަމާންވީ އާދަކާދައާއި ސަގާފަތް ދިރުވުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.“
މީގެ އިތުރުން ނަރީޝް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމުގައި މިފަދަ ކަންކަން އާލާކޮށް، ދިވެހީން އެއްބައިވަންތަކަމުގެ ތެރެއަށް ގެނައުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކުގެ ނަތީޖާ ކަމުގައެވެ.
މި ކަމުގައި ނަރީޝް ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރުގެ ކަމާ ގުޅުންހުރި އެންމެހައި މުއައްސަސާތަކަށާއި، ރަށު އަދި އަތޮޅު އަދި ސިޓީ ކައުންސިލްތަކަށާއި، ކުލަބް ޖަމްޢިއްޔާތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
ފާއިތުވި އަހަރުތަކުގައި ގެއްލެމުން ގޮސްފައިވާ ދިވެހި އާދަކާދައާއި ސަގާފަތް އަލުން އާލާކޮށް ދިރުވުމަށް މިހާރުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރެވެއެ ވެ. މީގެ ތެރޭގައި ތަފާތު މުނާސަބަތުތަކުގައި ބޭއްވޭ ސަގާފީ ހަރަކާތްތަކާއި، ދިވެހި ބަހާއި އާދަކާދަ ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތައް ހިމެނެ އެވެ. އެގޮތުން ޤައުމީ ފެންވަރުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަމުން އަންނައިރު، މި އަހަރު ޤައުމި ފެންވަރުގައި އީދު ފާހަގަކުރަމުން އަންނަނީ ރާއްޖޭގެ އުތުރުން ހއ. ކެލާ، މެދު ރާއްޖެ އިން ކ. ގުރައިދޫ އަދި ރާއްޖޭގެ ދެކުނުން ލ. ގަމުގަ އެވެ.
ޤައުމީ ފެންވަރުގައި ސަރުކާރުން އީދު ފާހަގަކުރާ ރަށްރަށުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެެސް އަންނަނީ އީދާއި ގުޅުވައި ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.