ހިޔަލައިގެ އައު އީދު ލަވަ ”ޢީދު ބޯމަތިވަނީ“ ނެރެ، އާންމުންގެ ހިތްތައް އަތުލައިފި އެވެ.
ކޮންމެ އީދަކާއި، ޤައުމީ އެކިއެކި ދުވަސްތަކާއި ގުޅުވައި ދިވެހިވަންތަ ދިރިއުޅުން ދައްކުވައިދޭ ލަވަތައް ނެރޭ ހިޔަލައިގެ އައު ލަވަ ރޭގަ ނެރިފައިވާއިރު، މިވަގުތު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ބޭނުުންކުރާ ލަވައަކަށް އެ ލަވަ ވަނީ ވެފަ އެވެ. އެގޮތުން ހަމައެކަނި ޔޫޓިއުބް މެދުވެރިކޮށް މި ލަވަ ބެލި މީހުންގެ އަދަދުވެސް ބައި ލައްކައާ ވަނީ ގާތްކޮށްފަ އެވެ.
މަރިޔަމް އަޝްފާ ކިޔާފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. އެރާ ރެކޯޑްސްއިން މިއުޒިކް އުފައްދާފައިވާ މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ރ. އަލިފުށިންނެވެ. ލަވައަށް އެކްޓްކޮށްފައިވަނީ ފިލްމީ ތަރި މަރިޔަމް ޝިފާ އާއި އިޝްފާން އެވެ.
ހިޔަލައިން ބުނި ގޮތުގައި މި ލަވަ އިންސްޕަޔަރ ވެފައިވަނީ ޓެޑީ ލިޔުއްވި ”ދަ ލޮންގިންގ އޮފް އަ ވައިފް“ އިންނެވެ. މިއީ ފިރިމީހާ ގެއަށް އެނބުރި އައުމަށް ފަސް އަހަރު ވަންދެން އިންތިޒާރުކުރާ އަންހެނެއްގެ ވާހަކަ އެވެ. ”މި ލަވައިން ހަމައެކަނި ހިތާމައިގެ ވާހަކައެއް ނުދައްކާ. މިއީ ޢީދު ފާހަގަކުރުމުގައި އަންނަ އުފަލާއި އެކުވެރިކަން ވެސް ސިފަކޮށްދޭ ލަވައެއް،“ ހިޔަލައިން ބުނި އެވެ.
—– ހިޔަލައިގެ އައު އީދު ލަވަ
މި ލަވައިގެ މަންޒަރުތަކާއި މިއުޒިކުން، 90 ގެ އަހަރުތަކުގެ ޚާއްޞަ ވަށައިގެންވާ މާހައުލުގައި މީހުން ކުރި ސާދާ ނަމަވެސް މުހިންމު ކަންތައްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ހިޔަލައިން ބުނެ އެވެ. އެދުވަސްވަރު ދިރިއުޅުނު މީހުންނަށް މި ލަވައިން ކުޑައިރުގެ ހަނދާންތައް އާކޮށްދޭނެ ކަމަށާއި، އާޖީލުތަކަށް އެމީހުންގެ މައިންބަފައިން އުޅުނު ގޮތުގެ ތަޞައްވުރެއް ލިބިގެންދާނެ ކަމަށްވެސް ހިޔަލައިން ފާހަގަކުރި އެވެ.
މި ލަވައިން ދިވެހިންގެ އާދަކާދަތަކުގެ ރޫހާއި، ޢީދަށް ތައްޔާރުވުމުގެ ފޮނިކަމާއި، އަދި ޢީދަކީ މުޖުތަމަޢުގެ އެކުވެރިކަން އާލާކުރާ މުހިންމު މުނާސަބަތެއްކަން ހާމަކޮށްދޭ ކަމަށް ހިޔަލައިން ވަނީ ފާހަގަކޮށްފަ އެވެ.
