ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށް، ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް، އެއްބަސްވުމެއް ހެދުމަށް އެދުމުން ފެނަކައިގެ ފަރާތުން އެކަމަށް އިންކާރުކުރާތީ އެ ކުންފުންޏާއި ދެކޮޅަށް ދައުވާ ކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގަ އެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްދޭންވާނެ ކަމަށް ޤާނޫނުގައި ބުނެފައިވާ ކަމަށެވެ. އެ ރަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުންކަމަށްވާނަމަ އެކަމަށް އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮންނަކަންވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.
މިގޮތުގެ މަތިން ކުޅުދުއްފުށި ސިޓީ ކައުންސިލުން ފެނަކައާއެކު އެއްބަސްވުމެއް ހެދުމަށް ތަކުރާރުކޮށް އެދުނުނަމަވެސް އެކަމަށް ފެނަކައިން އިންކާރުކުރަމުންދާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ފެނަކައިން އެއްބަސްވުން ހެެދުމަށް އިންކާރުކުރާ ސަބަބެއްގެ ގޮތުން ބުނެފައިވާކަމަށް ކައުންސިލުން ބުނީ، އެ ކުންފުންޏަކީ ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެއްކަމަށްވާތީ، އެއީ ޤާނޫނުގައި ބުނާފަދަ ތިންވަނަ ފަރާތެއްކަމަށް ނުބެލެވޭނެ ކަމަށް ބުނެ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ގުޅިގެން ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި، އެ ކުންފުންޏާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.