ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފި އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކު، ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ވަނީ ފޮނުވާފަ އެވެ. މިހާރު ކުރިއަށްދަނީ ކޮންމެ ރިސޯޓަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތެވެ. އެގޮތުން މިކަމަށް ޝައުގުވެރިކަން ފާޅު ކުރި ރިސޯޓުތަކަށް މިހާރު ގަސްތައް ބަހަން ފަށާފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.
ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ވެސް ކުރިއަށްދާކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ. ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ހަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއް ވެސް ވަނީ ފޮނުވާފަ އެވެ.
މީގެއިތުރުން، މ. އަތޮޅާއި، ރ. އަތޮޅު އަދި ށ. އަތޮޅުގައި މި ހިނގާ ޖޫން މަހުގެ ތެރޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 565,000 ގަސް ވަނީ އިންދިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަސް މިލިއަން ގަސް އިންދުން