އޮސްޓްރޭލިއާގެ ހައިކޮމިޝަން ރަސްމީކޮށް ރާއްޖޭގައި ހުޅުވައިފި އެވެ.
މި ހައިކޮމިޝަން ހުޅުވައިދެއްވީ މިވަގުތު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ އޮސްޓްރޭލިއާގެ ނައިބު ބޮޑުވަޒީރު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އެވެ.
ހައިކޮމިޝަން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. އޮސްޓްރޭލިއާއިން ރާއްޖޭގައި ހައިކޮމިޝަނެއް ހުޅުވުމަށް ނިންމައި، އެކަމުގެ ތައްޔާރީތައް ދިވެހި ސަރުކާރާ ގުޅިގެން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޮސްޓްރޭލިއާގެ ހައިކޮމިޝަން ރާއްޖޭގައި ހުޅުވުމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަމަށް މަރުހަބާ ދަންނަވާފަ އެވެ. އަދި މިއީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަ ކުރައްވާފަ އެވެ.
އޮސްޓްރޭލިއާގެ ހައިކޮމިޝަން ހުންނަނީ ހޮޓަލް ޖެންގަ އެވެ.
އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވި އިރު އޮސްޓްރޭލިއާއިން ވަނީ ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރަން ނިންމާފަ އެވެ.
މިކަން އިއުލާކޮށްފައިވަނީ އިއްޔެ ޑިފެންސް މިނިސްޓްރީން އާންމު ކުރި ނޫސްބަޔާނެއްގަ އެވެ. މި ނޫސްބަޔާނަކީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެކެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ބޯޓަކީ އޮސްޓްރޭލިއާގައި އުފައްދާ ބޯޓެއް ކަމަށެވެ. އަދި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ މި ޕެޓްރޯލް ބޯޓު މިހާރުވަނީ އުފެއްދުމުގެ މަރުހަލާގައިކަމަށް މި ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރާއްޖެ - އޮސްޓްރޭލިއާ އޮސްޓްރޭލިއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް