އޮސްޓްރޭލިއާއިން ގާރޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ އާލާތްތައް ރާއްޖެއަށް ހަދިޔާ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.

މިކަން އިއުލާކޮށްފައިވަނީ މިއަދު ޑިފެންސް މިނިސްޓްރީން އާންމު ކުރި ނޫސްބަޔާނެއްގަ އެވެ. މި ނޫސްބަޔާނަކީ މިވަގުތު ރަސްމީ ދަތުރެއްގައި މާލޭގައި ހުންނެވި އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެކެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ބޯޓަކީ އޮސްޓްރޭލިއާގައި އުފައްދާ ބޯޓެއް ކަމަށެވެ. އަދި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ މި ޕެޓްރޯލް ބޯޓު މިހާރުވަނީ އުފެއްދުމުގެ މަރުހަލާގައިކަމަށް މި ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސަރުކާރާ ގުޅިގެން މި އުޅަނދު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ޕްލޭނެއް އެކުލަވާލާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.

ގާރޑިއަން ކްލާސް ޕެޓްރޯލް ބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ހިނގާ ޤާނޫނާ ޚިލާފު ޙަރަކާތްތައް ހުއްޓުވުމަށާއި، ފާހަގަކުރުމަށާއި އަދި ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ދެގައުމުގެ ޑިފެންސް މިނިސްޓަރުން ގުޅިގެން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ގާޑިއަން ކްލާސްގެ ޕެޓްރޯލް ބޯޓުގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ މަލްޓި-ބީމް އެކޯ ސައުންޑަރ އެއް ވެސް ދިވެހިރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައެވެ. މި ހައިޑްރޯގްރަފިކް އިކުއިޕްމަންޓާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ޗާޓު ތައްޔާރުކުރުމަށް މަގުފަހިވެ، ކަނޑުގެ ސަލާމަތާއި އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ތުރުކީ ވިލާތުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާ ކުރަންވެސް ވަނީ ނިންމާފަ އެވެ. މި އުޅަނދު ރާއްޖެއަށް ގެނެސް ސިފައިންގެ ހިދުމަތަށް ނެރެ، ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓް ކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީގައި ދިވެހި ސިފައިން ތަމްރީންތައް ހޯދަމުންދާކަމަށް އޭރު ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ