ތުރުކީން ހަދިޔާ ކުރި މަނަވަރު އެމްއެންޑީއެފާ ހަވާލު ކުރަން ރަސްމިއްޔާތެއް ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ރަސްމީކޮށް ހަވާލުކުމަށް ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ހިދުމަތަށް ނެރެ، ގައުމީ ދިފާއީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދެ ގައުމުގެ މެދުގައި ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ތުރުކީ ވިލާތުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ޑޯގަން ކްލާސްގެ މަނަވަރެކެވެ. ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓް ކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީގައި ދިވެހި ސިފައިން ތަމްރީންތައް ހޯދާފައިވެ އެވެ.

ތުރުކީން މި މަނަވަރުތައް ކަނޑުގެ ސިފައިންގެ ހިދުމަތަށް ނެރެފައިވަނީ 1981 ވަނަ އަހަރު އެވެ. ތުރުކީން މިހާރު މި އުޅަނދުތައް ބޭނުންކުރަނީ ތަމްރީނު އުޅަނދުތަކެއް ގޮތުގަ އެވެ.

މި އުޅަނދަކީ ރާއްޖޭގެ ދިފާއީ ބާރުގެ ކޯސްޓްގާޑް ދެގުނަ ކުރައްވާ ގާބިލްކަން އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ހިލޭ އެހީގެ ގޮތުގައި ލިބުނު އުޅަނދެއްކަމަށް ޑިފެންސް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާ ކުރި އުޅަނދު ސިފައިންގެ ހިދުމަތަށް ތައާރަފް ކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާ ކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާ ކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް ޑިފެންސް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ތުރުކީ އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ