ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ދެމެދު، ވެމްކޯގެ ފޮޅާ ސާފުކުރުމުގެ ޚިދުމަތް ’ހޮބާ‘ ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ. އަދި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ އެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު ވެމްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ވެމްކޯއިން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފޮޅާ ސާފުކުރުމުގެ ޚިދުމަތުގެ ފުރަތަމަ ސްޓޭޖުގައި ހަތް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި ޚިދުމަތް ވެމްކޯއިން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ.
”ހޮބާ“ ޚިދުމަތަކީ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމުގެ ޚިދުމަތެއް ކަމަށްވާއިރު، މި ޚިދުމަތް އިތުރު މުއައްސަސާތަކަށް ފުޅާކުރެވެމުން ދިއުމަކީ ކުންފުނީގެ އާމްދަނީ އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
މީގެއިތުރުން، ”ހޮބާ“ ޚިދުމަތުގެ އިތުރުން، އިމާރާތްތައް ތަޅާލުމުގެ ޚިދުމަތް ފެށުމަށްވެސް ވެމްކޯއިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ގާކުނޑި އަލުން ބާޒާރަށް ނެރުމަށް ޚާއްޞަ މެޝިނަރީތައް ބަހައްޓައި، އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)